އުރީދޫ މޯލްޑިވްސް އިން، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ.
މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ބޯޑަށް މެންބަރުން ހޮވުމުގައި ޖެންޑަރ ޑައިވަރސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން، އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.
ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން،
- އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވެ، އެފަރާތުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުންނަންވާނެ
- 3 (ތިނެއް) މަސް ދުވަސް ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއްކަމުގައިވުން
- ސީއެމްޑީއޭގެ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ”ފިޓް އެންޑް ޕްރޮޕަރ“ މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން
ތަޖުރިބާގެ ގޮތުން ބަލާއިރު، ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލުކޮށްފައިވުމުގެ އިތުރުން، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި، އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެ އެވެ. އޭގެއިތުރުން
- މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން
- ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން ހުރުން
- އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ވެގެންނުވާނެ
އުރީދޫން ބުނި ގޮތުގައި ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ އެވެ. މިކަން ހިއްސާދާރުންނަށް އަންގާނީ 2026 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް އިން ލިބޭނެ ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.
