ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އިނގިރޭސި ރަސްގެފާނުގެ ދައުވަތަކަށް ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ”ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ. އަދި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދު ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެމަނިކުފާނުގެ އިސްނެންގެވުމެކެވެ.
މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެއް ކަމަށާއި، އެގޮތުން، އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިޤްތިސާދީ ހަރަކާތްތަކަކީ، ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސް.އެމް.އައި އިން ބާރުއަޅާ ކަމަށް ރައީސް އޮފީހުން މައުލުމާތު ދީފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް އިނގިރޭސި ވިލާތް
