އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހާމަކުރައްވައިފި އެވެ.
ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަދާކުރައްވާނެކަން މީކާއިލް ހާމަކުރައްވާ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
މީކާއިލް ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމުންނެވެ. ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވިފަހުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާތީ އެވެ. އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ޕާޓީ ހިންގުމުގައި ދިމާވާކަން ގައުމީ މަޖިލީހުގެ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެގެން ވަނީ ނިންމާލާފަ އެވެ.
