އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަމަލުތައް ހުރިގޮތުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރިކުރިން އަނބުރާ ގެނައުމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ނިންމަވައިފި އެވެ.
އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް އިންތިހާބުކުރުމަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މަސްލަހަތު ގެއްލި އެ ބައްދަވުން ވަނީ ނިންމާލާފަ އެވެ. އެ ބައްދަލުވުމުގައި ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓެއް ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވަނީ ޕާޓީގެ ރައީސް ޝާހިދުއަށް ފޮނުއްވާފަ އެވެ.
އެގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ، ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އަހާފައިވަނީ އަބްދުﷲ ވަހީދުގެ ނަމަށް ކަމަށާއި އޭރު ޖަލްސާއަށް ހާޒިރުވެތިބީ 97 މެންބަރުން ކަމަށެވެ. ނަމަވެސް ވޯޓުގައި ބައިވެރިނުވެ އެއް މެންބަރަކު ޖަލްސާ ދޫކޮށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ވޯޓު ލުމަށް ތިބީ 95 މެންބަރުން ކަމަށެވެ.
ވޯޓު ގުނުމުގައި އިދާރީ މުވައްޒަފުންނަށް އޮޅުންތަކެއް އެރިކަން ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ވޯޓު ގުނުމުގެ ކަންކަމުގައި ބައްދަލުވުން ހޫނުވެ، ބައްދަލުވުން ކުރިއަށްގެންދާނެ މާހައުލެއް ނެތުމުން ބައްދަލުވުން މެދުކަނޑާލިކަމަށާއި އަދި އެއަށްފަހު ބެލިބެލުމުން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުކުރުމަށް ފެންނަ ކަމަށް 49 މެންބަރުން ވޯޓުދިން ކަމަށް ފާހަގަކުރެވިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ފަހުން އެއް މެންބަރަކު ވޯޓު އަނބުރާ ގެންދިއުމުން ވަހީދަށް ލިބިފައިވަނީ 48 ވޯޓު ކަމަށާއި ވަގުތީ ޗެެއާޕާސަންގެ މަގާމަށް ވަހީދު އައްޔަނު ކުރުމަށް އަޣުލަބިއްޔަތު ވޯޓު ލިބިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ސޮއިކޮށް ޕާޓީގެ ރައީސް ޝާހިދުއަށް ފޮނުވި ރިޕޯޓުގައި އެދިފައިވަނީ، ވަގުތީ ޗެެއާޕާސަންގެ މަގާމަށް ވަހީދު އައްޔަނު ކުރުމަށް އަޣުލަބިއްޔަތު ލިބުނު ނަމަވެސް ކަންހިނގާދިޔަގޮތުން މިކަމުގައި ޕާޓީގެ ރައީސް ހައްލެއް ހޯއްދަވައިދެއްވުމަށެވެ.
އިބޫއާއި ޝާހިދުގެ އަމަލުތައް ހުރިގޮތުން ވަހީދު ނަން އަނބުރާ ގެނައުން!
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު މިއަދު ވަނީ މިކަމުގައި ޕާޓީގެ ރައީސް ޝާހިދުއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އެގޮތުން އެ ސިޓީގައި ވަހީދު ވިދާޅުވެފައިވަނީ، އޭނާ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުންނާއި ޕާޓީގެ ރައީސް ޝާހިދު އަދި އެޑްވައިޒަރު ކުރީގެ ރައީސް ސޯލިހް އެކަމުގައި ކުރިއަށް ދިއުމަށް އޭނާއަށް ތާއީދު ކުރެއްވުމުންނެވެ. އަދި ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބި އޭނާގެ ނަން ފާސްވެފައިވާކަންވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ވަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެނައުމަށް ނިންމާފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ ޕާޓީގެ ރައީސް އަދި އެޑްވައިޒަރުގެ އަމަލުތަކެވެ.
”އެހެންނަމަވެސް، އަޅުގަނޑަށް ތާއީދުކުރައްވައި އަދި އަޅުގަނޑު އެމަގާމަށް ނުކުތުމަށް ހިއްވަރު ދެއްވި ޕާޓީގެ ރައީސް އާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން އެ ވޯޓާ ހަމައަށް ދިޔައިރު އަމަލު ކުރެއްވި ގޮތުންނާއި، އަދި އެ ވޯޓަށްފަހު އެ ފަރާތްތަކުން އަމަލު ކުރައްވަމުން ގެންދަވާފައިވާ ގޮތުން އަޅުގަނޑު އެމަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން.“ ސިޓީގައި ވަހީދު ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ވަގުތީ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބުކޮށްފައިވީނަމަވެސް، އެ އިންތިޚާބުގައި ވާދަކުރިކުރުން އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ވަހީދު ސިޓީގައި ވިދާޅުވެފައިވެ އެވެ
ވަހީދު ވިދާޅުވީ އޭނާގެ އެ ނިންމުމަކީ ”ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް“ ނިންމި ނިންމުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން މިމޭރުމުން ތަކުރާރު ނުވާނޭހެން ކަންކަމުގައި އަމަލުކުރެއްވުމަށް ޕާޓީގެ ރައީސް އަދި އެޑްވައިޒަރުގެ ކިބައި އެދިފައިވެ އެވެ. އަދި ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް ޕާޓީގެ ރައީސް އަދި އެޑްވައިޒަރު ވެސް މަސައްކަތް ކޮށްދިނުމަށް އެދިފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވަން ފައްޔާޒް ނިންމެވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވިފަހުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާތީ އެވެ. އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ޕާޓީ ހިންގުމުގައި ދިމާވާކަން ގައުމީ މަޖިލީހުގެ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބްދުﷲ ޝާހިދު އެމްޑީޕީ ފައްޔާޒް އިސްމާއިލް
