ރޯދައިގެ ކުރިން 15 މިސްކިތެއްގެ މަސައްކަތް ނިންމާ، ހުޅުވޭނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ބިނާކުރަމުންދާ 15 މިސްކިތެއްގެ މަސައްކަތް ނިންމާ، ނަމާދުކުރުމަށް ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ، މިއަދު ހއ. ދިއްދޫގައި ތަރައްޤީކުރި އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މިގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިމި ރަމަޟާންމަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ.

ރައީސް ވިދާޅުވި ގޮތުގައި މި 15 މިސްކިތުގެ ތެރޭގައި މާލޭގެ މިސްކިތަކާއި، ހުޅުމާލެ ފޭސް 2 ގެ މިސްކިތްތަކެއްވެސް ހިމެނޭނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި، އެ ސަރަޙައްދުގައި އިތުރު ދާއިމީ މިސްކިތްތަކެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތްވެސް ޑިސެންބަރު މަހު ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެއްބައިވަންތަކަން ޤާއިމުކޮށް، އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ”އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވުން. އާމީން، ރައީސް ވިދާޅުވެފައިވެ އެވެ.

ހއ. ދިއްދޫގައި ތަރައްޤީކޮށްފައިވާ ޝަހީދު ޢުމަރު އަޙްމަދު މިސްކިތް ހިމެނޭ އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދާއެކު ހުޅުވާފއިވާއިރު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްޤީކުރި މި މަޝްރޫއަށް ސަރުކާރުން 50 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވެ އެވެ. މި މަރުކަޒުގައި ހިމެނޭ މިސްކިތަކީ އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ.

ޝަހީދު ޢުމަރު އަޙްމަދު މިސްކިތް ހިމެނޭ މި އިސްލާމީ މަރުކަޒުގައި އިސްލާމީ ލައިބްރަރީއަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި (އައުޓްރީޗް ސެންޓަރެއް) ވެސް ވަނީ ޤާއިމުކުރެވިފަ އެވެ. މީގެ އިތުރުން، 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމާއި، 2 ސެމިނަރ ރޫމާއި، އޮފީސް ޖާގައެއްވެސް ވަނީ ހިމަނާފަ އެވެ.

މި މަރުކަޒު ތަރައްޤީކޮށްފައިވަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައި ކަމަށްވާއިރު، މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ