ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ވެސް ލޯނު ދޫކުރަމުން ދާނީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް ކަމަށް ބޭންކުގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ސައީދު ވަނީ ބޭންކިންގ ގާނޫނާ ޚިލާފަށް ބައެއް މަޝްރޫއުތަކަށް ފައިނޭންސް ދޫކުރާ ކަމަށް ފެތުރިފައިވާ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސައީދު ވިދާޅުވީ އެމްއެލް އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫން ކަމަށެވެ.
ބޭންކުން ލޯނު ދޫކުރާ އުސޫލުތަކާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ބޭންކުން ލޯނު ދޫކުރާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންކަމަށެވެ.
”ބޭންކުން ލޯނުދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންނެވެ.“
ސައީދު ވަނީ ސިޔާސީ މަޤަޞަދެއް ޙާޞިލްކުރުމަށް، ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނަށް އޮޅުން އަރާ ގޮތަށް މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މިފަހުން ސަރުކާރުން ކުރިއަށްގެންދާ ގިނަ ޕްރޮޖެކްޓުތަކަށް ފައިނޭންސްކުރަމުންގެންދަނީ ބީއެމްއެލް މެދުވެރިކޮށެވެ. އޭގެތެރޭގައި އަމިއްލަ ކުންފުނިތަކާއި ހަވާލުކުރި 206 ޕްރޮޖެކްޓުގެ މަސައްކަތްވެސް ހިމެނެ އެވެ. އެ ޕްރޮޖެކްޓުތަކުގެ މަސައްކަތުގެ އަގު 2.7 ބިލިއަނަށްވުރެ މައްޗަށް އަރަ އެވެ.
