ރާއްޖޭގެ ހުރިހާ ރަށެއްގައި ނިކަމެތިކޮށް އެހީތެރިކަމަށް ބޭނުންވާ، ނާޒުކު ހާލުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ މެޕިންނެއް އަންނަ އަހަރުގެ ތެރޭގައި ހެދިގެން ދިއުމަކީ އުންމީދެއް ކަމަށް ސޯޝިއަލް މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ’ޖަވިޔަނި‘ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރ ޝިހާމް ވިދާޅުވީ، މިހާރު ތަރައްގީ ކުރަމުންދާ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (އައިއެމްއެސް) މެދުވެރިކޮށް އިތުރަށް ރައްޔިތުންނާއި އޮންލައިންކޮށް އެމީހުން ބައިވެރި ކުރުމުގެ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ. މި ސިސްޓަމްގައި އިތުރު ރިސޯސަސްތަކެއް ހިމަނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. މި މަސައްކަތުގެ ސަބަބުން ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ހަރުދަނާކޮށް، އަމާޒުކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ރިސޯސަސްތަކުގެ ތެރޭގައި ތަފާތު ހުނަރުތައް އޮންލައިންކޮށް ދަސްކޮށްދޭނެ މެޓީރިއަލްސް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އަލަތު ކައިވެނިކުރާ ފަރާތްތަކަށް ދިމާވެދާނެ ކަންތައްތަކާއި، މުވާސަލާތުކުރާނެ ގޮތްތަކާއި، އަދި ބެލެނިވެރިންނަށް ބޭނުންވާ ޕޭރެންޓަލް ސްކިލްސް ފަދަ ތަމްރީނުތައް ހިމެނޭނެ އެވެ.
”މިސާލަކަށް އަލަށް ކައިވެނިކުރާ ފަރާތްތަކަށް ކަމަށްވަންޔާ އެމީހުންނަށް އަލަތު ކައިވެންޔެއްގެ ތެރޭގައި ދިމާވެދާނެ ކަންތައްތަކާ އެއަށް ބޭނުންވާ ހުނަރުތަކާ އެކަކު އަނެކަކަށް މުވާސަލާތު ކުރާނެ ގޮތާ ދިމާވެދާނެ ބައެއް ކަންތަށްތަކާ އެކަހަލަ އޮންލައިންކޮށް އެމީހުންނަށް ތަމްރީންވެވޭ ކަހަލަ ރިސޯސެސްތަކެއް އަޅުގަނޑުމެންގެ ސިސްޓަމްގައި ހިމަނާ ގޮތަށް އަދި ކުދިން ގެންގުޅުމުގައި ބެލެނިވެރިޔަކަށް ވާއިރު ޕޭރެންޓަލް ސްކިލްސްއަކީ ކޮބައިތޯ.“
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ކުދިން ފޯސްޓަރ ކުރުމާއި ނިކަމެތި ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ގިނަ ފަރާތްތަކެއް މުޖުތަމަޢުގައި އެބަތިއްބެވެ. އެހެންކަމުން، މި ސިސްޓަމް ފަރުމާ ކުރަނީ މުޖުތަމަޢުގެ އެންމެންނަށް މި މަސައްކަތުގައި ބައިވެރިވެވޭނެ ގޮތަކަށެވެ.
”އެހެންކަމަށް ވެއްޖިއްޔާ އެ އާއިލާއަކަށް އެމީހުން ބޭނުންތޯ، ކުޅިވަރަށް މޮޅު ކުޖެއް ހުރިއްޔާ އޭނަގެ ސްޕޯޓްސް ކަންތަކުގަ އެހީތެރިވާން ބޭނުންތޯ، އެގޮތަށް މުޖުތަމައުގައި އުޅޭ އެންމެނަށް މިކަމުގައި ބައިވެރިވެވޭ ކަހަލަ ގޮތަކަށް ފަރުމާ ކުރުމަށް އަޅުގަނޑުމެންގެ ވިސްނުންތަށް އެބަ ގެންގުޅެން.“
މިނިސްޓަރ ޝިހާމް އިތުރަށް ވިދާޅުވީ، މި އަންނަ އަހަރުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ އިތުރަށް މުޖުތަމަޢުގައި ގުޅިގެން މަސައްކަތް ކުރެވޭނެކަހަލަ ގޮތަކަށް މަސައްކަތްކުން ކަމަށެވެ. މިއީ ސޯޝިއަލް ސެކްޓަރގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެއްކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
އައިޝަތު ޝިހާމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
