ގޫގުލް ކޭބަލް ރާއްޖެގެނައުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރ އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ ގޫގޫލް އިން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މިއާއެކު އިދިކޮޅު ފަރާތްތަކުންދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
މިކަމާ ގުޅިގެން މުހުތާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ީއިލާން މަސްކްގެ ސްޓަރލިންކް ރާއްޖެ ގެނައީ ”ސިއްރު ޑީލެއްގެ“ ދަށުން ކަމަށެވެ. އަދި އެކަން ކުރިބަޔަކު ގޫގަލް ކޭބަލް ރާއްޖެގެނައުމާއި ދެކޮޅުހަދަމޭ ބުނުމުން އެކަން ވާނީ ”ގަރުނުގެ ބޮޑު ޖޯކަށް“ ކަމަށް މުހުތާޒް ވިދާޅުވި އެވެ.
ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކްއަށް ރާއްޖެއިން ލައިސެންސް ދީފައިވަނީ ކުރީ ސަރުކާރުގައި 2023 އޮގަސްޓް 24 ވަނަ ދުވަހު އެވެ. އަދި ސްޓާލިންކްގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ ހަމަ އެ އަހަރު ނޮވެމްބަރު 10 ވަަނަ ދުވަހު އެވެ.
ގޫގޫލް އިން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއެއް ޤާއިމްކުރުމަށް ނިންމާފައިވަނީ ގޫގުލްގެ ”ބައިނަލްއަޤްވާމީ، އޭޝިއާ ޕެސިފިކް އޯޝަނިއާ ކަނެކްޓިވިޓީ“ މަޝްރޫޢުގެ ތެރެއިން ކުރިއަށްދާ މަސައްކަތެއްގެ ގޮތުގަ އެވެ. މި އިންވެސްޓްމަންޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ޓެކްނޮލޮޖީ ދާއިރާއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮނޮމިކް މިނިސްޓްރީން ފާހަގަކުރެ އެވެ. އެގޮތުން، ރާއްޖޭގެ އިންވެސްޓްމަންޓްގެ މާޙައުލު އިތުރަށް ކުރިއަރައި، ގޫގުލްގެ ކްލައުޑް ސަރވިސަސް އަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ކުންފުންޏެއްގެ މިފަދަ ބޮޑު އިންވެސްޓްމަންޓަކީ އިތުރު އިންވެސްޓަރުން ރާއްޖެއަށް އައުމަށް ހިތްވަރުދޭނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
