ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތަކުގައި އެ ފަނޑިޔާރުން އަމިއްލައަށް ބަޔާން ނެރެ ޖަވާބުދާރީވުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
މި ވާހަކަ މުހުތާޒު ދައްކަވާފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމާ ގުޅިގެން އުފެދިފައިވާ ހަލަބޮލިކަމުގެ ތެރެއިންނެވެ. ސަސްޕެންޑް ކުރެވުނު ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވާފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ވެސް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ.
މުހުތާޒު ވިދާޅުވި ގޮތުގައި އަދުލު އިންސާފުގެ ބާރުގައި މަސައްކަތްކުރައްވާ ފަނޑިޔާރުން އެ ބޭފުޅުންގެ ތެދުވެރިކަމާއި ނަޒާހާތްތެރިކަމުގެ ތަސައްވުރު ދަމަހައްޓަން ޖެހޭނީ އަމިއްލައަށެވެ. ”ކުރެވޭ ތުހުމަތުތަކަށް ފާޅުގައި ރައްދުދީ ބަޔާންތައް ނެރެ ހެދުމަކީ އެއްވެސް ފަނޑިޔާރަކު އަމަލުކުރަންވާނެ ގޮތެއް ނޫން،“ މުހުތާޒު ވިދާޅުވިއެވެ.
އިތުރަށް މުހުތާޒު ފާހަގަކުރެއްވި ގޮތުގައި ގޭތެރޭގައި އުޅޭ އުޅުމާއި، ދިރިއުޅުމުގެ އާދަތަކާއި މަސައްކަތުގެ މާހައުލުގައި ވެސް ތެދުވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުންގެ އަމިއްލަ ޒިންމާއެކެވެ. އަދި ފަނޑިޔާރުން ފާޅުގައި ރައްދުދީ، ބަސް ބުނެ ހަދާނަމަ ފަނޑިޔާރުންނާމެދު އޮންނަ ނަޒާހާތްތެރިކަމާއި ތެދުވެރިކަމުގެ ތަސައްވުރު ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އިއްޔެ ނެރުނު ބަޔާނުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑްކޮށްގެން ބަލަމުންދަނީ އަސްލެއް ނެތް އުފައްދާފައިވާ މައްސަލަތަކެއް ކަމަށް ބުނެފައިވާކަމެވެ.
މުހުތާޒް މުހުސިން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
