އެމެރިކާގެ ރައީސްކަމަށް އަލަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕްގެ މަޤާމާ ޙަވާލުވުމުގެ ރަސްމިއްޔާތުގެ ފަންޑަށް އެމެރިކާގެ ދެ ބޮޑު ކުންފުންޏެއް ކަމަށްވާ ބޯއިންގ އާއި ގޫގުލްއިން ވަކިވަކިން 1 މިލިއަން ޑޮލަރު (812،600 ޕައުންޑް) ހަދިޔާކުރާ ކަމަށް އެ ދެ ކުންފުނިން ބުނެފި އެވެ.
މި ދެ ކުންފުނިން މިފަދަ ހަދިޔާއެއް ދިނުމަށް ނިންމާފައިވަނީ މި ފަންޑަށް ހަދިޔާކުރަމުންދާ އެމެރިކާގެ އެހެން ބޮޑެތި ކުންފުނިތަކާ އެއްހަމައެއްގައި ކަމަށް ބެލެވެއެވެ. މިގޮތުން ޗެވްރޯން، މެޓާ، އެމޭޒަން އަދި އުބަރ ފަދަ ކުންފުނިތަކުން ވެސް ވަނީ މި ފަންޑަށް ހަދިޔާ ދީފައެވެ.
ޓްރަމްޕްގެ މަޤާމާ ޙަވާލުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. މިއީ އޭނާގެ ދެވަނަ ދައުރު ހުވާކުރައްވާ ރަސްމިއްޔާތު އެވެ.
ބޯއިންގއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން މިފަދަ ހަދިޔާއެއް ދިނުމަކީ ވޭތުވެދިޔަ ތިން ރައީސުންގެ މަޤާމާ ޙަވާލުވުމުގެ ރަސްމިއްޔާތުގެ ފަންޑުތަކަށް ވެސް ހަދިޔާ ދިނުމުގެ އާދަކާދައެކެވެ. އަދި މިއީ އެމެރިކާގެ ރައީސުންގެ މަޤާމާ ޙަވާލުވުމުގެ ރަސްމިއްޔާތުގެ ކޮމިޓީތަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބޯއިންގއިން ބުނެފައިވެއެވެ.
ގޫގުލްއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން މި ރަސްމިއްޔާތު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދައްކައިދޭނެއެވެ. މިގޮތުން ޔޫޓިއުބްގައި ލައިވްސްޓްރީމްކޮށް އަދި ގޫގުލްގެ ހޯމްޕޭޖުގައި ސީދާ ލިންކެއް ދޭނެ ކަމަށް ގޫގުލްގެ ގްލޯބަލް ހެޑް އޮފް ގަވަރމަންޓް އެފެއާޒް އެންޑް ޕަބްލިކް ޕޮލިސީ، ކަރަން ބަޓިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ފޯޑް، ޖެނެރަލް މޯޓަރސް އަދި ޓޮޔޯޓާ ފަދަ ކާރު އުފައްދާ ކުންފުނިތަކުންނާއި، ޗެވްރޯން ފަދަ ހަކަތައިގެ ދާއިރާގެ ކުންފުނިތަކުން ވެސް ވަނީ މި ރަސްމިއްޔާތުގެ ފަންޑަށް ހަދިޔާ ދީފައެވެ.