މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލްތަކާއި ތަންތަނަށް 10 އަހަރު ތެރޭ ނުގެނެވުނު ތަރައްގީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 2 އަހަރުގެ ތެރޭގައި ގެނެވިފައިވާކަމަށް އެމްސީޖީއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ޖަވިޔަނި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަބްދުލްރައްޒާގު ވިދާޅުވީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން މިއަހަރު މޭ މަހުގެ ތެރޭގައި އެމްސީޖީއެޗްގެ ދަށަށް ގެނެވުނު މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގެ ހިދުމަތްތައް އިތުރުކޮށް ފެންވަރު ރަނގަޅު ކުރުމަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުން 10 އަހަރު ތެރޭ ނުގެނެވުނު ހެޔޮ ބަދަލުތަކެއް ފާއިތުވި 2 އަހަރު ތެރޭ ގެނެވިފައިވާކަމަށް އަބްދުލްރައްޒާގު ވިދާޅުވި އެވެ.
އަބްދުލްރައްޒާގު ވިދާޅުވީ އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތަކުގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒު ވަރަށް އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަންކަން ކަމަށެވެ. އެގޮތުން ފާއިތުވި 2 އަހަރު ތެރޭގައި އެމްސީޖީއެޗްގެ ދަށުގައި ހިންގަމުން އަންނަ ތަންތަނަށް މުޅިން އަލަށް 1،000 އަށް ވުރެ ގިނަ މީހުން ވަޒީފާއަށް ނަގާފައިވާކަމަށް އަބްދުލްރައްޒާގު ވިދާޅުވި އެވެ.
މި 1،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ ނޫނީ 90 އިންސައްތައާ ގާތް ކުރާ ވަރަކަށް އެއީ ހަމަ މުޅިން ކްލިނިކަލް މުވައްޒަފުން. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ކްލިނިކަލް ޓެކްނީޝަނުންވެސް ހިމެނޭ.
މީގެ އިތުރުން މި ތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި އާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވަސީލަތްތަކުގެ ގޮތުންވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް 2 އަހަރު ތެރޭ ލިބިފައިވާކަމަށް އަބްދުލްރައްޒާގު ވިދާޅުވި އެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ހެދުމަށް ފަހު ގިނަ އަހަރުތަކެއް ވަންދެން ބޭނުން ނުކޮށް އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް އެ ހޮސްޕިޓަލުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގާތާ މިހާރު އަހަރެއް ވެފައިވާކަމަށް އަބްދުލްރައްޒާގު ވިދާޅުވި އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް މިދިޔަ 2 އަހަރު ތެރޭގައި 194 އެނދު އިތުރު ކުރެވި މިހާރު ބޭނުން ކުރެވެމުންދާކަމަށް އަބްދުލްރައްޒާގު ވިދާޅުވި އެވެ.
ވިލިމާލެ ހޮސްޕިޓަލަށް ބަލާއިރު އެ ހޮސްޕިޓަލް ހުރި ބިމުގައި މުޅިން އާ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާޜު ކުރެވެމުން ދަނީ ހޮސްޕިޓަލުގެ ހިދުމަތް ވަގުތީގޮތުން އެހެންތަނަކަށް ބަދަލު ކުރުމުގެ މަސައްކަތްކަމަށް އަބްދުލްރައްޒާގު ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލް އައިޖީއެމްއެޗް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މޯލްޑިވްސް ބްލަޑް ސާވިސަސް ދަރުމަވަންތަ ހޮސްޕިޓަލް ދިވެހިންގެރާއްޖެ731
