ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ވަގުތީގޮތުން ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ބަދަލުގައި ހައިކޯޓު ހިންގުން ވަގުތީގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރައްވައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފައިވަނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
19 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން، 19 ނޮވެންބަރު 2025 ވަނަ ދުވަހާއި ހަމައަށް ހައިކޯޓު ހިންގެވުން ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ޖޭއެސްސީން މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރު ފައިސަލް ހަމަޖެއްސުމަށް ނިންމާފަ އެވެ. ނަމަވެސް އެ މަގާމަށް ފަނޑިޔާރު ފައިސަލް ރަސްމީކޮށް އައްޔަނުކުރައްވާފައެއް ނުވެ އެވެ.
ހައިކޯޓު ހިންގުން ވަގުތީގޮތުން ހަވާލުކުރި ފަނޑިޔާރު ޖަމީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކޮށްފައިވަނީ 3 އޮގަސްޓް 2025 ގަ އެވެ. ފަނޑިޔާރު ޖަމީލް ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވެ އެވެ. އެގޮތުން 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެ އެވެ.
