މިސްކިތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢުގެ ދަށުން، މާލޭގައި ހުރި ބޮޑެތި މިސްކިތްތައް އޭސީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން މަދުވެގެން ފަސް މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިހާރު އަޅާ މިސްކިތްތައް ބިނާކުރަމުން ގެންދަނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށާއި، އޭސީކޮށް، ލައިބްރަރީ ހަދައި، ކްލާސްރޫމްތައް ވެސް ހިމަނައިގެން ކަމަށެވެ. ނަމަވެސް މާލޭގައި ހުރި ގިނަ މިސްކިތްތަކަކީ ކުރިން ހެދިފައިވާ މިސްކިތްތަކަށް ވުމާއެކު، އެ މިސްކިތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން، 800 (އަށްސަތޭކަ) މީހުންނަށްވުރެ ގިނަ ޖާގައިގެ މިސްކިތްތައް އޭސީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
މި ބަލަނީ މި ރަމަޟާން މަސް އަންނަންވާއިރަށް މީގެތެރެއިން މަދުވެގެން ފަސް މިސްކިތެއް އޭސީކޮށް ނިންމައިލެވޭތޯ.
މިކަމުގެ ސަބަބުން ނަމާދުކުރުމާއި އަޅުކަންކުރުމަށް ހޭދަކުރާ ވަގުތުތައް އިތުރަށް ހިތްގައިމުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް އޮތް ތާނގައި ވެސް ކުރިއަށްދާނެ ކަމަށާއި، ސަރުކާރުން މި މަސައްކަތް ކުރަމުން ގެންދަނީ މިސްކިތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަޅުކަންކުރާ މީހުންނަށް ފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިންގެރާއްޖެ731
