އަންނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެންމެ އިއުލާންކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިކަން އިއުލާންކުރެއްވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ ނަފްސާނީ ދާއިރާއަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރައްވާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ގުރައިދޫގައި ހުންނަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާކަމަށް ވިދާޅުވި އެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މި ދާއިރާ ތަރައްޤީކުރުމަށްޓަކައި 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފަށާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި މިފަދަ ބޮޑު މަޝްރޫޢެއް ފެށި ފުރަތަމަ ފަހަރު ކަމަށެވެ.
އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ވެސް ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. ރައީސް މުޢިއްޒު ވިދާޅުވީ، މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަކޮށް ދެވިފައި އޮތް ނަމަވެސް، މި އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތަކާއި ސިވިލް ސަރވިސްގެ ތެރެއިން 333 ފަރާތަކަށް ވަޒީފާ ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން 280 އަށް ވުރެ ގިނަ ފަރާތްތަކާއި، ސިވިލް ސަރވިސްގެ ތެރެއިން 45 ފަރާތެއް ހިމެނެއެވެ. އަދި މި އަދަދު އަބަދުވެސް އިތުރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރުމުގެ ވައުދު ވެސް ފުއްދަވާނެކަން ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފަ އެވެ. މިހާރު 1،000 ރުފިޔާ ދެމުން އަންނަ މި އެލަވަންސް، އަންނަ އަހަރުން ފެށިގެން ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުކުރެވޭނެ އެވެ. އެގޮތުން، ހަތަރު ކުދިންނާ ހަމައަށް ޖުމްލަ 12,000 ރުފިޔާ ލިބޭނެ އެވެ. ރައީސް ވިދާޅުވީ، ކޮންމެ ވައުދަކީ ފުއްދަންޖެހޭ ވައުދެއް ކަމަށާއި، އެ ވައުދުތައް ފުއްދުމަށްޓަކައި މައިކްރޯ ލެވެލްގައި މަސައްކަތްކޮށް، ތަންފީޒު ކުރަމުންދާ ކަމަށެވެ.
ނަފްސާނީ ބަލި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާސަންދަ ދިވެހިންގެރާއްޖެ731
