ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ސްވިޒަލެންޑްގެ މަޝްހޫރު އެއާލައިން، އެޑެލްވައިސް އެއާއަށް ހިދުމަތް ދޭން ފަށައިފި އެވެ.
މިއާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު 22 އަށް ވަނީ އިތުރުވެފަ އެވެ.
ޓާމިނަލް 1 އިން އެޑެލްވައިސް އެއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެޑެލްވައިސް އެއާގެ ސްޓޭޝަން މެނޭޖަރު މަހްޖޫބް އަބްދުالله އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން އެޑެލްވައިސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 205 ފަސިންޖަރުންނަށް ހަދިޔާ ދިނުމުގެ ކަންތައް ކުރިއަށް ގެންދެވުނެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް، WK066 އިން ރާއްޖެ އައި 271 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ސްވިސް ލެއިޝާ އަދި ޗާޓާ އެއާލައިން، އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000ގަ އެވެ. އެހެންކަމުން މިއަދަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު ދުވަހެވެ. މިކަމުގެ ހަނދާން އާކުރުމުގެ ގޮތުންވެސް މިއަދު މި ހިދުމަތް ފެށުމަކީ ޚާއްސަ ކަމެކެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. އެގޮތުން، ޓާމިނަލް 1 އިން އެޑެލްވައިސް އެއާ އަށް ހިދުމަތް ދޭން ފެށުމަކީ ވީއައިއޭގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
