އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ފަސޭހަކަމާއެކު ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރ. މީދޫ ސްކޫލް ހޯލުގައި މިރޭ ބޭއްވި، އެ ރަށު ކައުންސިލުން ދެއްވާ ”މަހާސަނަދު“ އެވޯޑުދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ”މަހާސަނަދު“ އެވޯޑަކީ މީދޫ ކައުންސިލުން އިސްނަންގަވައިގެން، އެކި ދާއިރާތަކުން އެކި ގޮތްގޮތުން ރަށަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ތަފާތު ރޮނގުރޮނގުން ރަށަށް ރީތި ނަން ހޯއްދަވައިދެއްވާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ މަޤްސަދުގައި ދޭ އެވޯޑެކެވެ.
އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، ރަށަށް އޮންނަ ލޯތްބާއި ރަށަށް ރީތިނަން ހޯދައިދީ، ރަށަށް ޚިދުމަތްކުރުމުގެ އަޒުމު ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެއްބައިވަންތަކަމުގެ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.
ނައިބު ރައީސް ވަނީ އެވޯޑް ލިބުނު ބޭފުޅުން، އެ ބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތައް ހުއްޓަވައިނުލައްވައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ”މަހާސަނަދު“ ގެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރެއްވި ފަރާތްތަކަށް އެވޯޑުތައް ހަވާލުކޮށްދެއްވާފަ އެވެ. އެގޮތުން ތައްޚާން އެވޯޑް ލިބިވަޑައިގެންނެވި 4 ބޭފުޅުންނަށާއި، ކަލޭފާނު އެވޯޑް ހާސިލުކުރެއްވި 4 ބޭފުޅުންނަށާއި، މަދަދު އެވޯޑް ލިބިވަޑައިގެންނެވި 2 ބޭފުޅުންގެ އިތުރުން ނަލަނަލަ މީދޫ އެވޯޑް ހަވާލުކޮށްދެއްވާފައިވެ އެވެ.
މީގެ އިތުރުން، މި ހަފުލާގައި، ތައުލީމީ ރޮނގުން ދޭ ”ނޫރާނީ“ ފިލާ 10 ބޭފުޅަކަށް، ދިވެހި ދައުލަތަށް 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ ”އަބުރުވެރި ހާކިމާގެ“ ފިލާ 11 ބޭފުޅަކަށް، ތައުލީމީ ދާއިރާއިން ދެވޭ ”ނޫރާނީ“ އެވޯޑް 9 ބޭފުޅަކަށް، އަދި ”ފަންނުވެރިން“ ގެ ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް އެފިލާ ހަވާލުކޮށްދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް
