ހިތްފަހި ފުޓްސަލް ޗެލެންޖް 2025 ގައި މިއަދު ހަވީރު ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ކްލަބް ވިންސެންޒޯ ބަލިކޮށް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ދެ ޓީމު ނިކުތްއިރު، ދެ ޓީމަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ސެމީ ފައިނަލްގެ ޖާގަ ލިބެން އޮތީ މެޗުން މޮޅުވާ ޓީމަކަށެވެ. މެޗު ކާމިޔާބުކޮށް، ދަ ގްރާންޑޭ އިން ސެމީގެ ޖާގަ ކަށަވަރުކުރިއިރު، މި ގުރޫޕުން ސެމީގެ ޖާގަ ހޯދި ދެވަނަ ޓީމަކީ ރާގޮނޑި ރައިޑާސް އެވެ. ގުރޫޕުގެ އެއްވަނަ އާއި ދެވަނަ ކަށަވަރުވާނީ މިރޭ ރާގޮނޑި ރައިޑާސް އާއި އެއްލިކަޅި ބައްދަލުކުރާ މެޗަށްފަހު އެވެ.
މަޑުއްވަރީ ހިތްފަހި ފުޓްސަލް އެރީނާގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވިންސެންޒޯ އިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު ފައްޔާޒް ފައިސަލް އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އިވާން އަލީ ޖެހި ލަނޑާއެކު ވިންސެންޒޯ އިން ވަނީ ސެމީ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލާފަ އެވެ. ސެމީގެ ޖާގަ ހޯދުމަށް އެ ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ވިންސެންޒޯ އިން ދެވަނަ ލަނޑު ޖެހިތާ މިނެޓެއް ފަހުން އަލީ އަލްސަން ވަނީ ލަނޑެއް ޖަހައި، ދަ ގްރާންޑޭ އަށް އުއްމީދު އައުކޮށްދީފަ އެވެ. އަދި އޭގެ ހަތަރު މިނެތު ފަހުން ހުސައިން ނާއިމް ވަނީ ދަ ގްރާންޑޭ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މި މެޗުން ދަ ގްރާންޑޭ މޮޅުވި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިމް އެވެ.
ދަ ގްރާންޑެ އިން ސެމީގެ ޖާގަ ހޯދިއިރު، ސެމީ ގައި އެ ޓީމުން ކުޅެން ޖެހޭ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު އެވެ.
