ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްގެ ނަން މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާފައިވާ މެންބަރުކަމުން 25 އޮކްޓޫބަރު ގައި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޖޭއެސްސީން ރިޒާ އިސްތިއުފާ ދެންނެވިއިރު، ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުވަނީ، ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްގެ ނަން ހުށަހަޅުއްވާފަ އެވެ. ހުސްނީ މުބާރިކްގެ ނަމަށް ތާއީދުކުރައްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.
ޖޭއެސްސީއަށް މެންބަރު ހުސްނީ މުބާރިކް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީއަށް ހުސްނީ މުބާރިކް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކުރެއްވިއިރު، އޭނާއަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރެވެ.
ޖޭއެސްސީގައި މިހާރު ތިއްބެވީ:
- ކޮމިޝަނުގެ ނާއިބުރައީސް ؛ ޔަޒްމީދު މުޙައްމަދު – ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު
- އަބްދުއްރަޙީމް އަބްދުﷲ – ރައްޔިތުންގެ މަޖިލީހުގެ ރައީސް
- އަލްއުސްތާޛު ހުސައިން ޝަހީދު – އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- އަލްއުސްތާޛު މުހައްމަދު ނިޔާޒް – ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- އަލްއުސްތާޛު ފަރުހާދު ރަޝީދު – ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- އަލްއުސްތާޛު އަޙްމަދު އުޝާމް – ބަންޑާރަނައިބު
- މުޙައްމަދު މުޖްތާޒް – ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް
- އަލްއުސްތާޛު އަލީ އަބްދުއްލަތީފް – ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު
- އިދްރީސް ފައުޒީ – ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު
ރައްޔިތުންގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
