ވެހިކަލް ޕާކް ކުރުމުގައި މީހުންގެ އަހުލާގު ގެއްލިފައި އޮތީ ފުރުސަތު ލިބިއްޖެނަމަ މިސްކިތުގެ އެތެރޭގައިވެސް ޕާކްކުރާ ވަރަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވަބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޕާކްކުރުމުގައި މީހުންގެ އަހުލާގު އެ ވަރަށް ގެއްލުމުން ވެހިކަލް ޓޯކުރުން މިހާރަށް ވުރެ ހަރުކަށި ކުރަން ރަނގަޅު ކަމަށެވެ.
”މީހުންގެ އަހުލާގު ޕާކްކުރުމުގައި ގެއްލިފައި އޮތް ވަރު މިއީ، ޖާގަ ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނުން އެބަހުރޭ މިސްކިތަށް އަރާ އިރު ވެސް މިސްކިތުގެ ސަފުގެ ފުރަގަހުގައި ސައިކަލް ބަހައްޓާފައި އެރުން،“
މީހުންގެ އަހުލާގު އެ ހިސާބަށް ދިއުމުން، ޖައްސަން ޖެހޭނީ ދެ އުނދަގުލެއް ވެސް ނޫން ކަމަށާއި، ދޭންވީ ދެ އަދަބެއް ވެސް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.
ޓޯކުރާ އުޅަނދުތައް 24 ގަޑިއިރަށް ބެހެއްޓުމުގެ ބަދަލުގައި 48 ގަޑިިއިރަށް ބަދަލުކުރުމުން މީހުން ތަންކޮޅެއް ފަރުވާތެރިވާން ފެށި ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރަނގަޅު، ހާލަތަށް ބަލާފައި އެ އަށްވުރެ ވެސް ގިނައިރަށް ޓޯކުރާ އުޅަނދުތައް އިތުރުކުރުންވެއްޖެ ކަމަށާއި އެހެންނަމަވެސް ގަވައިދުތަކަށް އެފަދަ ހަރުކަށިކަން ގެންނަން ޖެހެނީ މަޑުމައިތިރިކަމާ އެކީގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
