މި އަހަރުގެ ޑިސެމްބަރު މަހު އަލުން ހުޅުވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓުގެ އިސްވެރިންނާ، ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ބައްދަލުކުރައްވައިފި އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، ވަޒީރު ތޯރިގް ބައްދަލުކުރެއްވީ ޝަންގްރިއްލާ ގުރޫޕުގެ ހެޑް އޮފް އިންވެސްޓްމެންޓް އެންޑް އެސެޓް މެނޭޖްމެންޓް (ޗައިނާ ފިޔަވައި)، ޝަންގްރިއްލާ ވިލިނގިލީގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޮކްސް އާއެވެ. މި ބައްދަލުވުމުގައި ޝަންގްރި-ލާ އަލުން ހުޅުވުމަށްޓަކައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ވަޒީރަށް ވަނީ ހިއްސާކުރެވިފަ އެވެ.
އަލުން ހުޅުވުމަށް ހަމަޖެހިފައިވާ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަކީ، 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްޤީކޮށް ހިންގުމަށް ދީފައިވާ ރިސޯޓެކެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ވަގުތީގޮތުން ބަންދުކުރިއިރު، އެތަނުގައި 585 މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، މި ރިސޯޓު އަލުން ހުޅުވުމަކީ ދިވެހިންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމެކެވެ.
ވަޒީރު ތާރިގް އިބްރާހިމް މީގެ ކުރިން ވިދާޅުވަފައިވާ ގޮތުގައި، ކުރިއަށް އޮތް 3 މަސް ތެރޭގައި ޝަންގްރި-ލާ ހުޅުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވިގެން ދާނެ އެވެ. އަދި ޝަންގްރި-ލާ ބަންދުކޮށްފައި އޮތްއިރުވެސް ތަން ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާކަމަށާއި، ކުއްޔަށް ސަރުކާރަށް އަހަރަކު ދައްކަންޖެހޭ 800،000 ރުފިޔާ ކޮންމެ އަހަރަކުވެސް އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކަމުން އައިސްފައިވާކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.
ޝަންގްރި-ލާ ވިލިނގިލި އަކީ އައްޑޫ ސިޓީގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދެމިއޮތް ފަތުރުވެރިކަމުގެ މަންޒިލެކެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަނެކްޝަންތައްވެސް އިތުރުވެ، ދެކުނުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދު ކުރެވެއެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޝަންގްރި-ލާ ރިސޯޓު
