ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މި ދަތުރަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ ދައުވަތަކަށް ކުރައްވާ އެއްދުވަހުގެ ދަތުރުފުޅެކެވެ. މިއީ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރަށް ވުމާއެކު، ރާއްޖޭގެ ފުޓްބޯޅަ އާއިލާއިން މި ދަތުރަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ.

ގަތަރު އެއާވޭޒްގެ ޕްރައިވެޓް ޖެޓެއްގައި ސްވިޒަލެންޑުގެ ޒިއުރިކުން ސީދާ ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން މަރުޙަބާ ދެންނެވުމުގައި، ސަރުކާރުގެ އިސް ބޭފުޅުންނާއި ފުޓްބޯޅަ އާއިލާގެ މެންބަރުން ބައިވެރިވި އެވެ. އެގޮތުން، މިނިސްޓަރ އޮފް ޓުވަރިޒަމް އެންޑް އެންވަރމެންޓް ޠާރިޤް އިބްރާހިމް އާއި، އެފްއޭއެމްގެ ރައީސް ޓޮމް އާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލްގެ އިތުރުން ފީފާގެ ރީޖަނަލް އޮފީސްގެ ހެޑް ޕްރިންސް ރޫފަސް ހިމެނެ އެވެ.
އެއާޕޯޓުގެ ވީއައިޕީ ލޯންޖުގެ ކުރިމަތީގައި އޮތް މި ހަރަކާތުގައި، ފީފާގެ ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމްތަކެއްވެސް ވަނީ ހުށަހަޅާދީފަ އެވެ.

އިންފަންޓީނޯގެ މި އެއްދުވަހުގެ ދަތުރުފުޅުގެ އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުން ހިމެނެ އެވެ. މީގެ އިތުރުން، މި ދަތުރާ ގުޅިގެން ޚާއްޞަ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްވެސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ރައީސް ޑރ. މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. މި މެޗު ބެލުމުގެ ފުރުސަތު ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ.
އެފްއޭއެމްގެ ރައީސް ޓޮމް ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ތާރީހީ ކުރިއެރުމެއް ކަމަށެވެ.

ފީފާގެ ރައީސަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 2006 ވަނަ އަހަރު ކަން ފާހަގަކޮށްލެވެ އެވެ. އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން، ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް މިހާރު ދަނީ ވަރަށް ބޮޑު އިސްކަމެއްދެމުންނެވެ.
އެފްއޭއެމް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް) މިނިސްޓަރ ޠާރިޤު އިބްރާހީމް ފީފާ


