އަމާޒަކީ ކުރިއަށް އޮތް އަހަރު އައްޑޫއިން ކަރަންޓު ކެނޑުނަ ނުދިނުން: ފެނަކަ

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގައި ކަރަންޓު ކެނޑޭ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް އަހަރު އައްޑޫއިން ކަރަންޓު ކެނޑުނަ ނުދިނުންކަމަށް ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

އެމްޑީ ނަޖާހު މިހެން ވިދާޅުވީ ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވި ކަންކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފެނަކައިގެ އިސްވެރިން ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

އައްޑޫ ކަރަންޓު މައްސަލައިގައި އެމްޑީ ނަޖާހުއާ ސުވާލު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ. މެންބަރު އަޒާން ވަނީ އަބަދުވެސް އައްޑޫގެ ކަރަންޓު ކެނޑޭ މައްސަލައާ ގުޅިގެން އައްޑޫއަށް ގެނެރޭޓަރު ގެންދާ ކަމަށާއި ނަމަވެސް މައްސަލަ ހައްލުވެފައި ނުވާކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފައިވެ އެވެ.

އިންޖިނިއަރުންވެސް ވިދާޅުވަނީ މީކީ ދާއިމީ ހައްލެއް ނޫނޭ، ކަރަންޓު ކެނޑުމުގެ މައްސަލައަށް. ތިބޭފުޅާ (އެމްޑީ ނަޖާހު) މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް އަޅުގަނޑަށް ހީވަނީ މިހެން އެތަށް ޖެނެރޭޓަރެއް ފޮނުވިއްޖެހެން. އެކަމަކު ހައްލެއް ނުލިބޭ. ކަރަންޓު ކެނޑެންޏާ އޭގެ މާނައަކީ ހައްލެއް ނުލިބޭ.

އެމްޑީ ނަޖާހު ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ކުރަން ދަތިވެފަ އޮތް މައްސަލައެއް ކަމަށެވެ. މައްސަލަ ޖެހެނީ ކުރީގެ ޖެނެރޭޓަރުތަކަށް ކަމަށާއި އެ ޖެނެރޭޓަރުތަކުގައި ބޭނުންކޮށްފައިވާ ބައެއް ސްޕެއާތަކަކީ އެންމެ ރަނގަޅު ސްޕެއާތަކެއް ނޫންކަމަށް ނަޖާހު ވިދާޅުވި އެވެ.

މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ރައްޔިތުންނަށް ހުއްޓުމެއް ނެތި ކަރަންޓު ފޯރުކޮށްދިނުން ކަމަށާއި އެކަމަށްޓަކައި މިއަހަރު ތެރޭގައި 4 ޖެނެރޭޓަރެއް އައްޑޫއަށް ގެންދާނެކަމަށް ނަޖާހު ވިދާޅުވި އެވެ. އެގޮތުން އެއް ޖެނެރޭޓަރެއް އައްޑޫއަށް ފޮނުވިފައިވާ ކަމަށާއި ދެ ޖެނެރޭޓަރެއް މިއަދު އައްޑޫއަށް ފޮނުވޭތޯ މަސައްކަތް ކުރަމުންދާކަމަށް އެމްޑީ ނަޖާހު ވިދާޅުވި އެވެ.

3 ވަނަ އެއްޗެއް ރަމަޟާން މަހުގެ ކުރިއަށް [އައްޑޫއަށް ގެންދާނަން]. މިހާރު އިއުލާންކޮށްފަ އޮންނާނީ. އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އައްޑޫ ކަރަންޓު ނުކެނޑި ހިފަހައްޓާލަން.

ނަޖާހު ވިދާޅުވީ އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މިއަހަރުގެ ތެރޭގައު ބަޔަކާ ހަވާލުކޮށް އައްޑޫއަށް ބޮޑެތި ޖެނެރޭޓަރުތަކެއް ގެންގޮސް މިހާރު ހުރި ޖެނެރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން އައްޑޫ ސިޓީ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމެޓީ ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ