އެފްއޭއެމް ޚިޔާނާތް: އަމީން ކޮންސްޓްރަކްޝަންއަށް ކުރާ ދައުވާ ކުރިއަށްގެންދަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާ ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެފްއޭއެމްއަށް ލިބޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ހިމެނޭގޮތަށް ތިން ފަރާތެއްގެ މައްޗަށް ދައުވާ ކޮށްފައިވަނީ 19 ޖަނަވަރީ 2025 ދުވަހު އެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތައް:

  1. މުހައްމަދު އަޤީލް / ގއ. ގެމަނަފުށި، ފެހިކުރި
  2. ހަސަން ވަހީދު / މ. ހިރިނައިދޫ
  3. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

މި ތިން ފަރާތުގެ މައްޗަށްވެސް ކޮށްފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި އަމީން ކޮންސްޓްރަންޝަންގެ ބައި މަޑުޖައްސާލާފައި އޮތުމަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، އަމީން ކޮންސްޓްރަންޝަނަށް ކޮށްފައިވާ ދައުވާއަކީ ކުރިއަށްގެންދަންޖެހޭ ދައުވާއެއް ކަމަށާއި، އެގޮތުން މަދަނީ މިންގަނޑުން ހެކިވަޒަންކޮށް އެދައުވާ ކުރިއަށްގެންދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ކުރާ ދައުވާއަށް އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ އިންކާރުކޮށްފަ އެވެ.

އަމީން ކޮންސްޓްރަކްޝަނަށް ދައުވާކުރި ސަބަބު:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މީގެކުރިން ބުނެފައިވަނީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ބައްސާމް އެފްއޭއެމްގެ އެކައުންޓުގެ ޗެކު 08 އޭޕްރީލް 2021 ދުވަހު ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް 1,919,950 ޑޮލަރު ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭ ގޮތަށް، ޗެކު އަމީން ކޮންސްޓްރަކްޝަންއަށް ދޫކުރުމުން، އެ ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ ބަލައިގަނެފައިވާތީ އެވެ. މީގެއިތުރުން އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާކުރުމަށް އަމީން ކޮންސްޓްރަކްޝަންއިން ބައްސާމަށް އެހީތެރިވެދީފައިވާކަމަށްވެސް ދައުވާ ކުރާ ސަބަބުގެ ގޮތުގައި ބުނެފައިވެ އެވެ.

ޕީޖީން ބުނެފައިވަނީ މީގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1،000،000 ޑޮލަރު އަމީން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށާއި، އަމީން ކޮންސްޓްރަކްޝަންގެ މި އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ ކަމަށެވެ. 

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. އޭގެތެރެއިން ޚިޔާނާތުގެ ދައުވާ ސާބިތުވެ ބައްސާމްގެ މައްޗަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ބައްސާމް އަދިލް ޖަލީލް ކްރިމިނަލް ކޯޓު އެފްއޭއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ