ކެމަލް ބްރޭންޑްގެ 32 ކާޓަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މީހަކު 4 ދުވަހަށް ގޭ ބަންދުކޮށް ޖޫރިމަނާކޮށްފި އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ރ. ރަސްގަތީމު، ރަސްރީތި، އިބްރާހިމް ސަފްވާނުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަކީ 4 ދުވަހުގެ ގޭ ބަންދަކާއެކު 28,400 ރުފިޔާއިން ޖޫރިމަނާ އެކެވެ.
ދައުލަތުގެ ފަރާތުން ސަފްވާނުގެ މައްޗަށް ވައްކަން ކުރުމުގެ ދަޢުވާ ކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު މާލޭ ބާޒާރުމަތީގައި ހުންނަ ގޮވެލި ފިހާރައިން ކެމަލް ހާޑް ބްރޭންޑްގެ 30 ސިނގިރޭޓު ކާޓަނާއި ކެމަލް ލައިޓް ބްރޭންޑްގެ ދެ ސިނގިރޭޓު ކާޓަނާއި އަށް ފޮށި ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައެވެ.
މި މައްސަލައިގައި ސަފްވާނަށް ދިފާޢީ ވަކީލެއް ޢައްޔަނުކުރުމަށް ފުރުސަތު ދިނުމުން، އޭނާ ވަކީލަކު ޢައްޔަނުކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި މައްސަލައިގައި ސަފްވާން ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ.
އިޢުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން، އަސްލު އަދަބެއްގެ ގޮތުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަނޑައެޅިފައިވީ ނަމަވެސް، މި އަދަބު ބަދަލުކޮށް ހަތަރު ދުވަހަށް ގޭގައި ބަންދުކުރުމަށާއި 28,400 ރުފިޔާއިން ޖޫރިމަނާކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވެ އެވެ.
ޝަރީޢަތުން މި އެއްބަސްވުން ބަލައިގަތުމާއެކު، ސަފްވާނުގެ މައްޗަށް ކުރެވުނު ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަދަބު ކަނޑައަޅާފައިވެ އެވެ. އަދި ޖޫރިމަނާގެ ފައިސާ 6 މަސް ތެރޭ ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.



