ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ސައުދިއާ އަށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް ފެށުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ.
މި ރަސްމިއްޔާތުގައި ސައުދީ އަރަބިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީގެ އިތުރުން، ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ އާއި، ރާއްޖެ އާއި ސްރީ ލަންކާ އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ހަދިޔާ ދިނުމުގެ އިތުރުން، ޓާމިނަލް 1 އަށް ކައިރިކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 އިން ރާއްޖެ އައި 127 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވެއެވެ.
ސައުދީ އަރަބިއާގެ ގައުމީ އެއާލައިންކަމަށްވާ ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 30 މާޗު 2016 ގައެވެ. ސައުދިއާއަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި 11 ވަނަ އެއާލައިން އަދި ސައުދީ އަރަބިއާގެ ފުރަތަމަ އެއާލައިންވެސް މެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖެ - ސައުދީ އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)