ލ. ފޮނަދޫގައި ގާއިމްކުރާ ރީޖަނަލް އެމަޖެންސީ ސެންޓަރާއި، އައިޔޫއެމް ކެމްޕަސް ގާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، އެ މަސައްކަތްތައް އަމަލީ ގޮތުން މިއަދު ފަށައިފި އެވެ.
މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެވެ. މިގޮތުން ރީޖަނަލް އެމަޖެންސީ ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އައިޔޫއެމްގެ ކެމްޕަސްގެ މަސައްކަތް ފައްޓަވައިދެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ.
ރީޖަނަލް އެމަޖެންސީ ސެންޓަރުގެ މަޝްރޫއުގެ ދަށުން 2،368 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ގާއިމްކުރެވޭނެއެވެ. މި މަޝްރޫއަކީ 6.50 މިލިއަން ރުފިޔާގެ އަގުގައި 300 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން ބުނާ ގޮތުގައި މި ސެންޓަރު ގާއިމްކުރުމުން ގުދުރަތީ ކާރިސާތަކާއި އެހެނިހެން ކުއްލި ހާލަތްތަކުގައި ހައްދުންމަތީ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ އެވެ.
އައިޔޫއެމް ކެމްޕަސްގެ މަޝްރޫއުގެ ދަށުން 3،911.92 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ މައި އިމާރާތެއް ގާއިމްކުރެވޭނެ އެވެ. މީގެ އިތުރުން 1،970.76 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ މިސްކިތަކާއި ވުޟޫކުރާ ސަރަހައްދެއް ހިމެނޭނެ އެވެ. އަދި 1،571.53 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ މުވައްޒަފުންގެ ބައެއްވެސް ހިމެނޭނެ އެވެ.
އައިޔޫއެމް ކެމްޕަސްގެ މަޝްރޫއުގައި 7،836.12 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ފަންގިފިލާގެ އިމާރާތެއްގައި މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ޖިމްއަކާއި، ކެފެޓީރިއާއެއް ގާއިމްކުރެވޭނެ އެވެ. މި މަޝްރޫއަކީ 17.60 މިލިއަން ރުފިޔާގެ އަގުގައި 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ލ. ފޮނަދޫ