ށ. ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން 30,540 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 565 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 20.05 މިލިއަން ރުފިޔާގެ މި މަޝްރޫއު 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ނަރުދޫއަކީ ވަރަށް ބޮޑަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއް ކަމަށާއި، މި ސަބަބުން ރަށުގެ ދަނޑުބިންތަކާއި ރައްޔިތުންގެ ގޯތިގެދޮރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މި މަޝްރޫއު ނިމުމުން ރަށަށް ހިމާޔަތްކުރެވިފައިވާ ގޮނޑުދޮށެއް ލިބި، ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކުރައްވާފަ އެވެ.
ށ. ނަރުދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)