މޫސުމާ ގުޅޭ އިލްތިމާސްތަކަށް އިޖާބަދީ، ދަތުރުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މާލެއިިން ފުރައިގެން އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުކަމަށެވެ.
”މަރްޙޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކޮށް، އެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެން.“
މި ހާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ 2 މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުން އެދި ދުއާކުރާކަމަށް ރައީސް ވިދާޅުވި އެވެ.
މި ހާދިސާއިން މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާއްމު ހާލަތަކަށް އައުމަށް އެދި ދުއާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ، ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް، އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ.“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މި ފުރުސަތުގައި، މޫސުން ގޯސް ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
މާލެއިން ފުރައިގެ ކ. އެރިއަދޫ އަށް ދަތުރުކުރަމުންދަނިކޮށް ބަންޑުންޖަހާލި ”އަލްމާކް-ފިޔަ“ ކޮޅުވެއްޓީގައި ހަތް މީހުން ދަތުރުކުރި އެވެ. އޭގެތެރެއިން 4 މީހަކު ސަލާމަތްކުރެވިފައިވާއިރު އެކަކު ފެނިފައިވަނީ ނިޔާވެފައިއޮއްވަ އެވެ. އަދި ދެ މީހަކު އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެ އެވެ. ނިޔާވެފައިއޮއްވާ ފެނިފައިވަނީ ގއ. ދާންދޫ، އަހުމަދު ޝިފާން (38އ) އެވެ. ޝިފާންގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ނަގާފައިވަނީ ކަނޑުގެ އަޑިން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެ އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ބަންޑުން ޖަހާލި ”އަލްމާކް-ފިޔަ“ ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑުމަތީގެ ހާދިސާ