ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސްވެފައިވާ 700 އަށްވުރެ ގިނަ އުޅަނދު ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭ ފުލުހުންގެ ފަރާތުންނެވެ. މި މަސައްކަތުގެ ތެރެއިން ޖުމްލަ 716 އުޅަނދު ދެނެގަނެވިފައިވާއިރު، މީގެ ތެރޭގައި ކާރާއި، ސައިކަލާއި، ޕިކަޕް އަދި ވޭން ހިމެނެ އެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މަސައްކަތަކީ ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް، މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތުގެ ބައެކެވެ. މި މަސައްކަތް ކުރިއަށްދަނީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ނެވެ.
ފުލުހުން ވަނީ މި މަސައްކަތުން ދެނެގަނެވުނު އުޅަނދުތަކާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފަ އެވެ. މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކަށް ލުއިފަސޭހަވެ، މަގުތަކުގެ ސާފުތާހިރުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.