ސިނގިރޭޓުތައް ވަގަށް ނެގި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު 2 ސިނގިރޭޓު ކޮންޓޭނަރގެ މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލްއިން މިހެން ބުނެފައިވަނީ އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެމްޕީއެލްއިން ބުނީ ކަސްޓަމްސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރއެއް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ގެއްލުނު މައްސަލައިގައި ކުރިއަށްގެންދާ ތަހުގީގާ ގުޅިގެން އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

މި މައްސަލަ ފާހަގަވީ 8 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަ އެވެ. އަދި މައްސަލަ ފާހަގަވި ވަގުތުން ފެށިގެން އެ ކުންފުނިން އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް އެމްޕީއެލްއިން ބުނެ އެވެ. މި ތަހުގީގާ ގުޅިގެން 12 އޮކްޓޯބަރުގައި 5 މުވައްޒަފުންނާއި 15 އޮކްޓޯބަރުގައި އިތުރު މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި 12 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ. ދެން ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.

އެމްޕީއެލްއިން ބުނީ މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް މައްސަލައިގެ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ. މީގެ ތެރޭގައި ކަސްޓަމްސްއިން ހިފަހައްޓާ މުދާ ބެހެއްޓުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމާއި، ކޯސްޓް ގާޑްގެ މެރިޓައިމް ކޮމާންޑަރުން މެދުވެރިކޮށް ބަނދަރުގެ ސެކިއުރިޓީ އޮޑިޓެއް ހެދުން ހިމެނެ އެވެ.

”މި މައްސަލައިގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،“ އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެ ކުންފުނިން މައުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެމްޕީއެލްއިން ވަނީ މި މައްސަލައަކީ ފުލުހުންވެސް ތަޙުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ، މަޢުލޫމާތު އާންމުކުރަމުން ދަނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް މިކަމާއި ގުޅޭ މަޢުލޫމާތު މީޑިއާއާ ޚިއްސާކުރާނެކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އެމްޕީއެލްއިން ވަނީ މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނެކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން އެމްޕީއެލްއިން ވަނީ ދީފަ އެވެ. އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އެ ކުންފުންޏާމެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުން ކަމަށެވެ.

ކަސްޓަމްސް ކޯސްޓް ގާޑް އެމްއެންޑީއެފް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ