ފްލެޓްތައް ކުއްޔަށްދޭނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެޗްޑީސީންވެސް ދީފި

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދޫކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ދީފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެހެންކަމުން މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިންގ ފްލެޓް ލިބިފައިވާ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެކެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލުކޮށް، އެ ތަންތަން އަނބުރާ ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މި ފްލެޓްތަކަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށްވާތީ، އެ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެހެން ފަރާތްތަކަށް ދިނުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކުރިއަށް އޮތްތާގައި، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފަށާނެ ކަމަށެވެ.

އެޗްޑީސީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވެސް އެ ކުންފުނިން ދޫކޮށްފައިވާ ފްލެޓްތައް ކުއްޔަށްދޭނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ