ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ކުރިއަށްގެންދިޔަ ގޮނޑުދަށް ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 2.1 ޓަނުގެ ކުނި ނަގައިފި އެވެ.
މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް އާއި ޕާލޭ މޯލްޑިވްސްއާ ގުޅިގެން ހިންގި މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ނެގި ކުނީގެ ތެރޭގައި 252.7 ކިލޯގެ ރިސައިކަލް ކުރެވޭ ޕްލާސްޓިކް ހިމެނެ އެވެ. މީގެ އިތުރުން އެހެނިހެން ޕްލާސްޓިކްގެ ގޮތުގައި 115 ކިލޯގެ ސާމާނާއި، ދަގަނޑު ނުވަތަ އެލުމިނިއަމްގެ ބާވަތްތަކުގެ ގޮތުގައި 63 ކިލޯގެ ސާމާނު ވަނީ ނަގާފަ އެވެ.
އެޗްޑީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހަރަކާތުގެ ތެރެއިން 52 ކިލޯގެ ބިއްލޫރި އާއި އެހެނިހެން ކުނީގެ ގޮތުގައި 1.6 ޓަނުގެ ކުނި ވަނީ ހުޅުމާލެއިން ނަގާފައެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވުނު ކުނީގެ އޮޑިޓްއެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއްކުރެވުނު ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރައްކާތެރިގޮތެއްގައި މެނޭޖްކުރެވޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
މި ހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށްވާއިރު، މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ’ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު‘ އެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެވެނީ 27 ސެޕްޓެމްބަރުގައި ކަމަށްވާއިރު، ރާއްޖޭގައި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ވަނަ ދުވަހުއެވެ.