މާލޭގައި ހިނގި މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހަ މީހުން ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ.
ފުރަތަމަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އާއި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަޠީފް (24އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަވީރު 18:10 އެހައިކަށްހާއިރު، ބޮޑުތަކުރުފާނު މަގުގައި ހުރި ފޯސްޓު އޮފީސް ކައިރީގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދެވަނަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ) އަދި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހުގެ ރޭ 20:30 އެހައިކަށްހާއިރު، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިން މައްސަލައާ ގުޅިގެންނެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ދެ މައްސަލައިގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.
މި ދެ މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.