ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ހާފިޒުންގެ ގޮފީގެ އެއްވަނަ، ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރު ހޯދައިފިއެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ އަގު ބޮޑު ޤުރުއާން މުބާރަތުގެ ވަނަތަކަށް އައި ފަރާތްތައް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މި މުބާރާތުގައި ހާފިޒުންގެ ގޮފީގެ އެއްވަނަ ޝާޔާ ހޯދާފައިވާއިރު މި ގޮފީގެ ދެވަނައަށް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އަބާން އިބްރާހިމް އަދި ތިންވަނައަށް ރެހެންދި ސްކޫލްގެ އިސްމާއިލް އިޒުއާން ހޮވިފައިވެ އެވެ.
ނުބަލާ ކިޔެވުމުގެ ގޮފީގެ އެއްވަނަ ހޯދާފައިވަނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އާއިޝަތު ޝަބާއެވެ. މި ގޮފީގެ ދެވަނައަށް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ފާތިމާ ބިންތު މުހައްމަދު އަދި ތިންވަނައަށް ހަމަ އެ މަދަރުސާގެ އަރީކް ހާދީ މުހައްމަދު ވަނީ ހޮވިފަ އެވެ.
ބަލައިގެން ކިޔެވުމުގެ ގޮފީގެ އެއްވަނަ ހައްދުންމަތީ އަތޮޅު ކައުންސިލްގެ އަހްމަދު ޝައިމް ރިޟާ ހޯދައިފައިވާއިރު، ދެވަނައަށް ސެންޓަރ ފޯ ޒަމާނީ ގުރުއާން ކުލާސްގެ މުހައްމަދު ސާއީ މުބާރިކް އަދި ތިންވަނައަށް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އާކިލް ބިން އިބްރާހިމް މުހައްމަދު ވަނީ ހޮވިފަ އެވެ.
މުއައްސަސާތަކުގެ ވަނަތައް
މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން އެއްވަނަ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް ލިބިފައިވާއިރު، ދެވަނަ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް އަދި ތިންވަނަ ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ލިބިފައިވެ އެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 119 މުއައްސަސާއަކުން 1,037 ބައިވެރިން ވާދަކޮށްފައިވެ އެވެ.
މި އަހަރުގެ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ޕީ.އެޗް.ޑީ ސްކޮލަރޝިޕާއި، 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި އުމްރާ ދަތުރު ހިމެނޭ އަގުހުރި އިނާމުތަކެއް ދެވިފައިވެއެވެ. މިއީ ގިނަ އަހަރުތަކެއް ފަހުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބޭއްވުނު މުބާރާތެއް ކަމަށްވެސް ފާހަގަކުރެވެ އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތް