ރާއްޖެ ދެކެމުންމިދަނީ ހެޔޮ ދުވަސްތަކެއް، މި ދުވަސްތައް ދަމަހައްޓަންޖެހޭ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެ މިހާރު ދެކެމުންދަނީ ކީރިތި ޤުރުއާން މަތިވެރިކުރެވޭ ހެޔޮ ދުވަސްތަކެއް ކަމަށާއި، މި ދުވަސްތައް ދަމަހައްޓަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ޤައުމެއްގައި ކީރިތި ޤުރުއާނާއި ދީނީ ކަންކަން ކުރިއެރުވޭނީ އެ ޤައުމެއްގައި ޤާއިމްވެފައިވާ ސަރުކާރަކުން އެކަންކަމަށް ދޭ މުހިންމުކަމާއި މަތިވެރިކަމުން ކަމަށެވެ.

”މިއަދު އަޅުގަނޑުމެން ދެކެމުން މިދާ ހެޔޮ ދުވަސްތައް، ޤުރުއާން މަތިވެރިކުރެވޭ މި ދުވަސްތައް އަޅުގަނޑުމެންނާއެކު މި ގޮތުގެ މަތީގައި ދެމެހެއްޓުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ޤުރުއާން ހަމައެކަނި ރީތި ރާގަކަށް ކިޔެވުމަކުން ނުފުދޭނެ ކަމަށް ފާހަގަކުރައްވަމުން، މިނިސްޓަރު ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނުން ހިދާޔަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި މުޖުތަމަޢުގައި ސުލްޙަވެރިކަމާއި އަމާންކަމާއި ލޯތްބާއި އިޙްތިރާމާއި ޤަދަރު ދެމެހެއްޓުމަކީ ކީރިތި ޤުރުއާނުގެ ހިދާޔަތުން ގޮވާލާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ހިސާބު އަދަދުތަކުން، ވަޒީރު ވިދާޅުވެދެއްވީ ޤުރުއާން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް؛

  • މިދިޔަ އަހަރު ރާއްޖޭގައި 24 ޙާފިޒުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވޭ
  • އަންނަ އަހަރު މި ޢަދަދު 50 ޙާފިޒުންނަށް އިތުރުކުރެވޭނެ
  • ސަރުކާރުގެ އަމާޒަކީ މިދައުރު ނިމިގެންދާއިރު ޤުރުއާން ހިތުދަސް 500 ޙާފިޒުން އަދި 1000 ޒުވާން ޚަޠީބުން ތަމްރީނުކުރުން

މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނާއި ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި، އެކަމަށްޓަކައި މިނިސްޓަރު ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. އަދި ﷲ ގެ ވާފަށުގައި ހިފައިގެން، އެކުވެރިކަމާއެކު، ބައިބައިވެގެން ނުގޮސް ތިބުމުން މި ހެޔޮ ދުވަސްތައް ދެމެހެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ