އައްޑޫސީޓީ ކައުންސިލުން ވަކިވެ، ވަކިވަކި ކައުންސިލްތައް ހެދުމާ އަޒާން ދެކޮޅު

Advertisement

އެންމެ ފަސް

Advertisement

އައްޑޫސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް އައްޑޫ ހުޅުދޫ، މީދޫ އަދި ފޭދޫ ރައްޔިތުންގެ މެދުގައި ނަގާ އާންމު ވޯޓުގައި ސިޓީ ކައުންސިލް ބައިބައި ކުރުމާ ދެކޮޅަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނެސް، ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 25 ވަނަ ދުވަހު އެވެ.

މިކަމާއި ގުޅޭގޮތުން އަޒާން އެކްސްގައި އައްޑޫ ބަހުރުވައިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައުދާނުުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީ މީހުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ، އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ، މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުން ކަމަށެވެ.

އަޒާން ވިދާޅުވީ އައްޑޫސިޓީ ކައުންސިލުން ވަކިވެ، ވަކިވަކި ކައުންސިލްތައް ހެދުމަކީ، ސިޔާސީ ގޮތުން އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމުލަގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށެވެ.

”ވަކި ވަކި ކައުންސިލް ހަދައި، މިކޯ މި އޮތް އައްޑޫ ސިޓީ ކައުންސިލުން ވަކި ވުމަކީ، މި ބާރަވެރިކަން އަފިރިން އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫ އަށް ނިސްބަތްވޭ ރައްޔިތުންނަށް ޖުމްލަގޮތަކި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑޮ.“ އަޒާން ވިދާޅުވި އެވެ.

މީގެއިތުރުން އަޒާން ވިދާޅުވީ ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ކުރަމުން އައީ ހިތަދޫގައި ކަމަށްވުމާއެކު، އިދާރީ އިންތިޒާމުތައް ގާއިމުވެފައި ހުރި ގޮތުން އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވާކަމީ ހަގީގަތެއް ކަމަށެވެ. ނަމަވެސް މި މައްސަލަތަކަށް ހައްލު ހޯދުމަށް މިހާރުގެ ސިޓީ ކައުންސިލްގެ ތެރެއިން މަސައްކަތް ކުރެވިދާނެ ކަން ފާހަގަކުރެއްވި އެވެ. އަދި އެކަމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އަޒާން ވިދާޅުވި އެވެ.

”މަ އެދެނީ މިމަހި 25 ވަނަ ދުވެހި ނަގާ ވޯޓެ ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުންނަސް އައްޑޫ ވަކި ކައުންސިލް ތައް ހަދާއް ނިފެނޭ ކަމަށް ވޯޓު ދިނުން.“ އަޒާން ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެންގެވުމަށް ރައީސް މުއިއްޒުގެ ޤަރާރަކުން ނިންމެވީ، އައްޑޫސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް އައްޑޫ ހުޅުދޫ، މީދޫ އަދި ފޭދޫ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހެޅުންތައް ހުށަހަޅާފައިވާތީ، އެކަމުގައި ރައްޔިތުންގެ ހިޔާލު ހުރިގޮތެއް ހޯދުމަށެވެ. މި ވޯޓުގައި އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނެސް، ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ހިޔާލު ހޯދުމަށް ވޯޓަށް އަހާނެ އެވެ. އަދި ހުޅުދޫއާއި މީދޫ އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެއް ކައުންސިލެއް އުފައްދަން ފެނޭތޯވެސް ވޯޓަށް އަހާނެ އެވެ.

ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުތައް:

ހުޅުދޫގެ ރައްޔިތުންނަށް ހުށަހަޅާ ސުވާލުތައް

  1. އައްޑުއަތޮޅު ހުޅުދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
  2. އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

މީދޫ ރައްޔިތުންނަށް ހުށަހަޅާ ސުވާލުތައް

  1. އައްޑުއަތޮޅު މީދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
  2. އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

ފޭދޫ ރައްޔިތުންނަށް ހުށަހަޅާ ސުވާލު

  1. އައްޑުއަތޮޅު ފޭދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އަހުމަދު އަޒާން އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ