އައްޑޫ ސިޓީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މަރުވަމުންދާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނެފި އއެވެ.
މި މައްސަލައިގައި މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އެ ޕާކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދޫނިތަކާއި މަސްތައް މަރުވެފައިވާ މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ”އައްޑޫ ސިޓީ، ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މަރުވަމުންދާ މައްސަލަ، ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މި ގެންދަނީ ތަޙުޤީޤު ކުރަމުން“ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިންވެސް އައްޑޫ ސިޓީގެ ކުޅިއަކަށް ކްލޮރިން އެޅުމުގެ ސަބަބުން ގިނަ އަދަދެއްގެ މަސްތަކެއް މަރުވެފައިވާ މައްސަލައެއް ރިޕޯޓުކުރެވިފައިވާ ކަމެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުންދާކަމީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމެކެވެ.
ޑަކް ޕާކަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުދޫ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ.