އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލުތަކަށް އެމަނިކުފާނު ބަދަލު ގެންނަވައިފި އެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އެކަމަށްޓަކައި ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.
މި ބަދަލު ގެންނެވުމާ ގުޅިގެން، ކުރިން ހުޅުދޫ އަދި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމާ ގުޅޭ ސުވާލު އުނިކުރައްވައި، ކޮންމެ ރަށަކަށް ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ވަނީ ނިންމަވާފަ އެވެ. މިގޮތުން ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ވަކިވަކި ސުވާލުތަކެއް ވަނީ ކަނޑައަޅުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 31/2025 ގައިވާ ގޮތުން، ކޮންމެ ރަށެއްގެ ރައްޔިތުންނާ ކުރެވޭ ސުވާލަކީ އެ ރަށަކަށް ޚާއްޞަކޮށްގެން ވަކި ކައުންސިލެއް އުފެއްދުމާމެދު ފެންނަ ނުފެންނަ ގޮތް ސާފުކުރުމެވެ. މި ބަދަލު ގެންނެވުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާވެސް ވަނީ ހޯދާފަ އެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 25 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ ގޮތުގެ މަތިން، ވޯޓު ނެގުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ވޯޓުލުން ކުރިއަށް ދާނީ އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ވޯޓުގެ ނަތީޖާ އިޢުލާންކުރުން އޮންނާނީ 26 ވަނަ ދުވަހު އެވެ.
މި ބަދަލު ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއިން ރައީސަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުންނެވެ.