އދ. ހަންޏާމީދޫގައި އެއްފަހަރާ ތިން މަޝްރޫއެއްގެ މަސައްކަތް ފެށުމާއެކު، އަލަށް ޢިމާރާތްކުރެވުނު ކައުންސިލް އިދާރާގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.
މި މަޝްރޫތައް ފައްޓާފައިވަނީ ރައީސް މުއިއްޒު މިހާރު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަންޏާމީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތުތަކެއްގަ އެވެ.
އެގޮތުން ފެށުނު މަޝްރޫތަކުގެ ތެރޭގައި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫ އަދި ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫ ހިމެނެ އެވެ. ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫގެ އަގަކީ 431,343.92 ރުފިޔާ ކަމަށްވާއިރު، މި މަޝްރޫ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫ ކުރިއަށްގެންދަނީ އެމްއޭސީއެލްއިންނެވެ. އަދި ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަނީ އާރްޑީސީއިންނެވެ.
ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން ދަގަނޑުގެ މަސައްކަތާއި، ކަރަންޓު މަސައްކަތާއި، ޓާރފް އެޅުމާއި، އިކުއިޕްމަންޓު ހަރުކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ. މި މަޝްރޫގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން އެމްޓީސީސީގެ އިސްވެރިންނާއި ދާއިރާގެ މެންބަރު ބައިވެރިވެވަޑައިގެންނެވި އެވެ.
ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ އިމާރާތް ބައްލަވާލައްވާފަ އެވެ. ރާއްޖޭގެ 160 އަށްވުރެ ގިނަ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އދ. ހަންޏާމީދޫ އެމްއޭސީއެލް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)