ވ. ފުލިދޫގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފި އެވެ.
ސްޓެލްކޯއިން ފުލިދޫގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެރަށަށް ގެންގޮސްފައިވަނީ 400 ކިލޯވޮޓުގެ ޖެނެރޭޓަރެކެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. މި ޖަނަރޭޓަރު މިހާރު ވަނީ ކޮމިޝަން ކުރުމުގެ މަސައްކަތް ފަށާފައިކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މި އިތުރު ޖަނަރޭޓަރާއެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ ވަނީ 940 ކިލޯވޮޓުން 1340 ކިލޯވޮޓަށް އިތުރުވެފަ އެވެ. މިއާއެކު އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެ އެވެ.
ސްޓެލްކޯއިން މި މަސައްކަތް ކުރަމުންދަނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި އިތުރުކުރުމާއެކު ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.