އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ޑްރަގް އޮޕަރޭޝަނެއްގައި ރޭ ހައްޔަރުކުރުމަށްފަހު، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފައެނާ ޝަރުތުތަކާއެކު ދޫކޮށްލައި، އޭނާގެ ފިރިމީހާ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ، ހުޅުމާލޭގައި ރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން އަޒްހާދު މައްސަލައިގެ ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި 33 އަހަރުގެ ފައެނާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފަ އެވެ.
މި މައްސަލައިގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ އެޕާޓްމަންޓް ބަލާ ފާސްކުރުމަށްފަހު އެވެ. އެނގިފައިވާ ގޮތުގައި އެޕާޓްމަންޓުގެ މޭޒުމަތިން 33 ގްރާމްގެ ޑައިމޯފިން ފެނިފައިވެ އެވެ. މިއީ ޑްރަގް ޓްރެފިކިންގގެ މިންވަރަށް ފެތޭ އަދަދެއް ކަމަށްވާއިރު، މި ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރެވޭނެއެވެ.
ފައެނާއަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އަދި ނޮވެމްބަރު 2023 ގައި ސިވިލް ރައިޓްސް އޮފީހުގެ ވަގުތީ ވެރިޔާގެ މަގާމަށްވެސް އޭނާ ހަމަޖައްސާފައިވެ އެވެ. އޭނާ އޭޖީ އޮފީހުގައި މަސައްކަތް ފެށީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ.
އެޓާނީ ޖެނެރަލްސް އޮފީސް މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް
