ސިފައިންނާ، ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އާންމުކުރުން ގާނޫނުން ލާޒިމު ކުރަންޖެހޭނެ ކަމަށް އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރުމާ ގުޅޭ ގޮތުން ގަލޮޅުއުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މި ބިލަށް ތާއީދު ކުރައްވައި އަޒާން ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކާއި ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް ފަދަ މުހިންމު އިދާރާތަކުގެ އިސްވެރިންނަކީ ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ބައެއްގެ ގޮތުގައި ހަމަޖައްސަން ޖެހޭ ކަމަށެވެ.
ކޮންމެ ފަސް އަހަރަކުން އެސްއޯއީތަކާއި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް ފަސް އަހަރު ނިމޭއިރު މުއްސަނދި މަހުޖަނުންނަށް ވާތަން ފެނިވަޑައިގަންނަވާކަން އަޒާން ފާހަގަކުރެއްވި އެވެ.
”މިފެންނަނީ ކޮންމެ ފަސް އަހަރަކުން އެސްއޯއީތަކާއި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް ފަސް އަހަރު ނިމޭއިރު މުއްސަނދި މަހުޖަނުންނަށް ވާތަން. އެ ބޭފުޅުން މަގާމާ ހަވާލުވާއިރު އަތުގައި ބައި ރުފިޔާވެސް ނޯންނަ ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދިވާތަން އެބަފެނޭ. ތަކުރާރުކޮށް އެކަންކަން ފެންނައިރުވެސް އެކަންކަން ހުއްޓުވޭނެގޮތެއް ނޯވޭ. މިއީ އެކަންކަން ހުއްޓުވަން އަޅުގަނޑުމެންނަށް އެޅިދާނެ އެއް ފިޔަވަޅު.“ އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ މާލީ ބަޔާން އާންމު ކުރަން ޖެހޭ ބޭފުޅުންގެ އަނބިދަރިންގެ މާލީ ބަޔާން ވެސް އާންމުކުރަން ޖެހޭ ކަމަށެވެ. އަދި އެއީ އިންޓަނޭޝަނަލް ބެސްޓު ޕްރެކްޓިސް ކަން ފާހަގަކުރައްވައި ވިދާޅުވީ އެގޮތަށް ހަމަޖައްސަން ޖެހެނީ މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން އަނބިދަރިންގެ ނަމަށް މިލްކިއްޔާތު ބަދަލުކުރުމަކީ ރާއްޖޭގައި އާއްމުކޮށް ކުރާ ކަމަަކަށް ވާތީ ކަމަށެވެ.
އަޒާން ގެ އިތުރުން މި ބިލަށް ބަހުސް ކުރެއްވި މެންބަރުން ވަނީ ކުޑޫ ހުށަހެޅުއްވި ބިލަކީ ރާއްޖޭގައި ނަޒާހަތްތެރިކަން ކުރިއެރުުވުމަށް މުހިންމު އިސްލާހުތަކެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ކަސްޓަމްސް އަހުމަދު އަޒާން އެމްއެންޑީއެފް ދިވެހި ފުލުހުންގެ ޚިދުމަތް