އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ދެއްކި ސާބިތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތައުރީފްކުރައްވައިވި އެވެ.
ފުލުހުންނަށް ތައުރީފު ކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރޭގައި އެމްޑީޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާ އަކީ ގައުމުގެ ސުލްހަ މަަސްލަޙަތު ނަގާލުމަށް ގަސްދުގައި ރާވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއް ކަމަށެވެ.
ދިވެހި ފުލުހުންނާ ކުރިމަތިލާ ހިންގި ޙަރަކާތްތަކަށް ދިވެހި ފުލުހުން ދެއްކި ކެތްތެރިކަމާ ސާބިތުކަމަށް ތައުރީފު ޙައްގު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
”ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ތިޔަކުރައްވާ ބުރަ މަސައްކަތަށް އައްސަރި ބަހާ ސާބަސް ދަންނަވަން.“ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރީ މަޖިލީދީމަގުން މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ފުލުހުން ވަނީ މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުއްޓުވާ، އެއްބަސްވެފައިވާ މަގުތަކުން ކުރިއަށްދިއުމަށް ތަކުރާރުކޮށް އެދިފަ އެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާމެދު ބައެއް ކުރިމަތިލުން ރޭ ހިނގާފައިވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންވަނީ ބެރިކޭޑް ބޭނުންކޮށް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ފެންފުޅިފަދަ ތަކެތި އުކާ، ފުލުހުންގެ ޝީލްޑްފަދަ ބައެއް އާލާތްތައް ގަދަކަމުން އަތުލާފައިވެ އެވެ.
މި މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފައި ވާއިރު 6 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެފައިވެ އެވެ. އަނިޔާވެފައިވަނީ އަންހެން ފުލުހަކަށާއި ފިރިހެން 2 ފުލުހަކަށެވެ. އަންހެން ފުލުހަށް އަނިޔާވެފައިވަނީ، ޝީލްޑާއިއެކު ވެއްޓުނު ވަގުތު، އެއްވުމުގެ ބައެއް ބައިވެރިން އަންހެން ފުލުސްމީހާގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ. ދެންތިބި ފުލުހުންނަށް އަނިޔާވެފަފއިވަނީ ބެރިކޭޑްއިން ޖެހުމުގެ ސަބަބުންނާއި، ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުންނެވެ.