ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ ވަގުތީ ރައީސް ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވައިފި އެވެ.
މަޖިލިސް ރައިސް އަބްދުއްރަހީމް ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި އެކިދާއިރާތަކުން، ހާއްސަކޮށް ތައުލީމާއި ސިއްހީ ދާއިރާއާއި ވިޔަފާރީގެ ރޮގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަ ކުރެއްވި ކަމަށް މަޖިލީހުން މައުލޫމާތު ދީފައިވެ އެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސްގެ ވަނީ، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީތީނާ އެކުގައިކަމަށް ވިދާޅުވެފަ އެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހުއްޓުމެއްނެތި ފަލަސްތީނަށް ތާއީދު ކުރުންމަތީ ދެމިތިބޭނެކަމަށްވެސް ފާހަގަކުރެއްވި ކަމަށް މަޖިލީހުން މައުލޫމާތުދީފައިވެ އެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ރައީސް ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހަތަރު މެންބަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް