ގާނޫނީ އިމުގެ ތެރެއިން އެންމެންގެ ރައްކާތެރިކަމާއި ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިހުންނާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، 2013 ވަނަ އަހަރުގެ ސުލްހަވެރި އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ރާވާ ކޮންމެ ސުލްހަވެރި އެއްވުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ހޯދަންޖެހޭ ކަމަށެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، އެމްޑީޕީން އެ ޕާޓީގެ ހަރަކާތަށް ވަކި މަގުތަކެއް ހުށަހެޅި ނަމަވެސް، މަޖީދީމަގުގައި ޓްރެފިކް ބޮޑުވުމާއި، ބައިވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް އިސްކަންދިނުމުގެ ގޮތުން، ފުލުހުން ހުއްދަ ދިނީ އެހެން މަގުތަކަކަށެވެ. އަދި އިވެންޓް އޮގަނައިޒަރުންނާއެކު އެއްބާރުލުން ދިނުމަށް ފުލުހުން ފުރިހަމައަށް ތައްޔާރަށް ތިބިކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
”އެމްޑީޕީން އެ ޕާޓީން އެދުނު މަގުތަކާއި ހުއްދަ ދެވުނު މަގުތަކަށްވެސް އިހުތިރާމް ނުކުރުމުން، އެ ޕާޓީގެ މަޤްޞަދަކީ ސުލްހަވެރި ހަރަކާތެއް ކުރިއަށް ގެންދިއުން ކަމަށް ނުވެދާނެކަމަށް ބެލެވޭ“ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މުޒާހަރާގެ ތެރޭގައި ބައިވެރިން ވަނީ ފުލުހުންގެ ޝީލްޑްތައް އަތުލައި، ބެރިކޭޑްތައް އުކައި، ފުލުހުންނާ ދިމާލަށް ފެންފުޅި އުކައިފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އާންމުން ފަހަތަށް ޖެއްސުމަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފަ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އާންމުންނަށް ނަސޭހަތްތެރިވެފަ އެވެ.