މިއަދު އެމްޑީޕީއާއި އަދާލަތު ޕާޓީން ގުޅިގެން ކުރިއަށްގެންދާ މުޒާހަރާގައި ޖޭޕީގެ އެއްވެސް މެންބަރަކު ބައިވެރިވުމަށް އެދިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވެފައިވަނީ މިއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން ކަމަށާއި، މިއީ ފަސާދަ ކުރަނިވި މުޒާހަރާއެއް ކަމަށެވެ. އަދި މިއީ ވެރިކަން ހޯދަން ވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”މިއީ ޤައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަން ވެގެން ކުރާ ނުބައި ކަމެއް،“ ޤާސިމް ވިދާޅުވި އެވެ.
މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ޤާސިމް ވިދާޅުވީ، އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި ދަނީ އެ ދަރަނިތައް ދެއްކުމަށް ކަމަށާއި، މިކަން މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ޤައުމު ބަނގުރޫޓުވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މުޒާހަރާއިން ނިކުންނާނެ ނަތީޖާއަކީ ޤައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވައި އިދަ ޖައްސާލުން ނޫން ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މި މުޒާހަރާގައި އެއްވެސް މީހަކު ބައިވެރިނުވުމަށް އޭނާ ގޮވާލެއްވި އެވެ.