ނޭޝަނަލް ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، މިއަދު ހަވީރު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ރައީސް މުއިއްޒު، ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން އެންމެފަހުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުވެސް ވަޑައިގެންނެވި އެވެ.
ބައިނަލްއަޤުވާމީ ފެންވަރުގެ ތަރައްޤީކުރަމުންދާ ނޭޝަނަލް ސަރފިން ސްޓޭޑިއަމްއަކީ، ކުޅިބަލާ ސަރަޙައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަހައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަރވޭޝަން ކޯނަރ، ޖިމް، ޓެރަސް، މަލްޓިޕަރޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށް ތަރައްގީކުރެވޭ ތަނެކެވެ.
މި މަސައްކަތް ފުރިހަމަކުރެވުމުން، ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސަރފިން ސްޓޭޑިއަމެއް ޤާއިމުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
