މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވޭ ވޯޓުލުން މި މަހުގެ 11 ވަނަ ދުވަހު ހިރިޔާ ސްކޫލުގައި ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑު، ޑްރައިވިންގ ލައިސަންސް ނުވަތަ ޕާސްޕޯޓް ހުށަހެޅުމުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 353 މީޑިއާއަކަށެވެ. މީގެ ތެރޭގައި 18 ބްރޯޑްކާސްޓިންގ ކުންފުނި ހިމެނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާނީ ޖުމްލަ ހަތަރު މެންބަރުންނެވެ. މީގެ ތެރެއިން ދެ މެންބަރުން އިންތިޚާބުކުރާނީ އޮންލައިން މީޑިއާގެ ފަރާތުން ކަމަށްވާއިރު، އަނެއް ދެ މެންބަރުން އިންތިޚާބުކުރާނީ ބްރޯޑްކާސްޓަރުންގެ ފަރާތުންނެވެ.
އޭގެއިތުރުން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އިންތިހާބުކުރަންޖެހޭ މެމްބަރުން އިންތިހާބުކުރުމުގެ މަސައްކަތްވެސް އެ މަޖިލީހުން އަންނަނީ ކުރަމުންނެވެ. ޤާނޫނު ބުނާގޮތުން ޤާނޫނު ފާސްވެ، ތަސްދީޤްވުމުގެ 30 ދުވަސްކުރިން އެ ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރަންޖެހޭނެ އެވެެ.
ސަރުކާރުގެ ފަރާތުން ފާސްކުރި މީޑިއާ ބިލްއަކީ ނޫސްވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ބިލެކެވެ.