އައްޑޫ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އެ އަތޮޅުގެ ހުޅުދޫ، މީދޫ އަދި ފޭދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދާ ވޯޓުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓު ލުމުގެ އިންތިޒާމު ހަމަނުޖައްސާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އީސީގެ ރައީސް ވިދާޅުވީ، ”އެހެން އިންތިހާބުތަކުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައި ދިނަސް މި އިންތިހާބުގައި އެ އިންތިޒާމް ހަމަނުޖައްސާނެ“ ކަމަށެވެ. އަދި ރީރަޖިސްޓްރީކުރުމުގެ ފުރުސަތު ދިނަސް، އެ ފުރުސަތު އޮންނާނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެރެއިން ރަށެއްގައި ރަޖިސްޓްރީވުމަށް ކަމަށް ވިދާޅުވިއެވެ.
މި އިންތިހާބުގައި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތުން ފޭދޫގައި 5 ފޮށި، ހުޅުދޫ އާއި މީދޫގައި 3 ފޮށި އަދި މާލޭގައި 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ވޯޓާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މި މަހުގެ 24 ވަނަ ދުވަހުގެ އިރުއޮއްސޭ 6:00 އާ ހަމައަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ. މި ފުރުސަތު އާންމު ފަރުދުންނާއި، ޕާޓީތަކާއި، ޖަމިއްޔާތަކާއި އަދި ސަރުކާރަށްވެސް ލިބިގެންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުންނެވެ. އިންސާނީ ބާރު ނުފޯރާ ކަމެއް މެދުވެރިވެގެން މެނުވީ ވޯޓުލުމުގެ ވަގުތު އިތުރުނުކުރާނެ ކަމަށާއި، ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.