އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް އައްޑޫ ސިޓީ ހުޅުދޫ، ފޭދޫ އަދި މީދޫ ރައްޔިތުންގެ މެދުގައި އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިކަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކާއެކު ހުށަހަޅާފައިވާ ސުވާލުތަކާއި މައުލޫމާތުތައް އެ ކޮމިޝަނަށް ލިބުމާ ގުޅިގެންނެވެ. މި ވޯޓުގައި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި، ވޯޓުލުން އެ ދުވަހު ފެށޭނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ނިމޭނީ ހަވީރު 16:00 ގައެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނިޓް ފަހުންނެވެ. އިންސާނީ ބާރު ނުފޯރާ ކަމެއް މެދުވެރިވެގެން މެނުވީ ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އީސީން ވަނީ ހާމަކޮށްފައެވެ.
މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ވޯޓާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ”މި ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް“ ކަމަށާއި ”ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް ނެތް“ ކަމަށެވެ.
މި ވޯޓަކީ އައްޑޫ ސިޓީގެ ކައުންސިލް އޮނިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެއް ކަމަށްވާއިރު، މި ވޯޓުގެ ނަތީޖާއަށް ބިނާކޮށް ކުރިއަށް އޮތްތަނުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް އަތުވެދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ކައުންސިލް އިލެކްޝަންސް ކޮމިޝަން (އީސީ)